
2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އިއުލާނުކުރައްވައިފިއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލިސް އިފްތިތާޙުކުރުމަށް ރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް ވިދާޅުވީ، އެންމެ 3،000 މެންބަރުންނާ އެކު ފެށި ޕާޓީގެ ދަފްތަރުގައި މިއަދު 80،000އާ ގާތްކުރާ އަދަދަކަށް މެންބަރުން ތިބުމަކީ ޕާޓީގެ ވަތަނީ ފިކުރަށް ރައްޔިތުން ކުރާ ތާއީދު ހާމަވާ ކަމެއް ކަމަށެވެ. ރޭގެ ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ޕާޓީއަކުން ބޭއްވި އެންމެ ބޮޑު މަތީ މަޖިލީހުގެ ޖަލްސާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހިން އެދޭ ތަރައްގީއާއި ފާގަތިކަން ގެނެސްދެވޭނީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދީގެން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމަހައްޓަވައި، އެ އިމުން ބޭރުވުމުގެ ފުރުސަތު ނުދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ދިނުމަކީ ކޮންމެ މެންބަރެއްގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އެގޮތުން، 2023ވަނަ އަހަރު ހޯދި ކާމިޔާބީއަށްވުރެ މާ ފުރިހަމަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތްކުރުމަށް ޕާޓީގެ އާންމު މެންބަރުންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޕާޓީއަށް މެންބަރުން އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު އޮންނަން ވާނީ ހަމައެކަނި ދިވެހިންނަށްކަމަށް ޕީއެންސީން ގެންގުޅޭ ހަރުދަނާ ސިޔާސަތުކަމަށް ޗެއާޕާސަން ފާހަގަކުރެއްވިއެވެ. މަތީ މަޖިލީހުގެ ޖަލްސާ ނިންމާލުމަށް ފަހު ކޮންމެ މެންބަރަކު ވެސް އެނބުރި ދާންވާނީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރުމުގެ ވަރުގަދަ ޢަޒުމާއެކުގައިކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

