
ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އެސްޑީއެފް)ގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއް ރަހުމާން އަލް މުރްޝިދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި އެސްއެފްޑީގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އިއްޔެ ސީއީއޯ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫރުއުތަކަށް ފައިނޭންސް ކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާތައް ބާއްވަވައިފައެވެ.
އޭގެ ފަހުން މިއަދު ސީއީއޯ ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެސްއެފްޑީގެ ސީއީއޯ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އެސްއެފްޑީއާއި ސައުދީ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ވެސް އަރުވައިފައިވާ އެސްއެފްޑީގެ ސީއީއޯ ވަނީ އެ ފަންޑާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ އިސްތިރާޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ މި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ފަންޑުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަން އެ ބައްދަލުވުމުގައި ފާހަގަކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުން ނިންމާލެއްވި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެސްއެފްޑީގެ އެހީގައި ހިންގާފައިވާ ތަރައްގީގެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިމަގުގައި ވެސް އެ އެއްބާރުލުން އިތުރަށް ފުޅާކުރެއްވުމުގެ އަޒުމު އާކުރައްވަމުންނެވެ.

