
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު އިތުރުވުމާ ގުޅިގެންނާއި ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަސާސީ ޤަވާއިދަށް ގެނައި މުހިންމު ބަދަލުތައް، މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 1064 މަންދޫބުންގެ އިއްތިފާގުން އެންޑޯސްކޮށްފިއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ސެޝަންގައި، މިހާތަނަށް ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކެއްގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ބަދަލުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ އާދަމް ވިދާޅުވީ، މައިގަނޑު ގޮތެއްގައި އިސްލާހުތައް ގެނެސްފައި ވަނީ ޕާޓީއާ އަލަށް ގުޅުނު ގިނަ އަދަދެއްގެ މެންބަރުންނަށް ޖާގަދިނުމަށާއި، ގައުމުގެ މަސްލަހަތާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ކަމަށެވެ.
އައު އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ އެކި ގޮފިތަކާއި ހަރަކާތްތައް އުފެއްދުން ހިމެނެއެވެ. އެގޮތުން، ދީނީ ޢިލްމުވެރިންގެ މަޖިލީހަކާއި، އަންހެނުންނާއި ޒުވާނުންގެ އިތުރުން އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކެއް އަސާސީ ޤަވާއިދުގެ ތެރެއިން ވަނީ އަލަށް ތައާރަފުކޮށްފައެވެ. މި ބަދަލުތަކުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްތަކުގައި އާންމު މެންބަރުންނާއި އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން ކަމަށް ފަތުހީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެކި ދާއިރާތަކަށް ހާއްސަކޮށްގެން 15 ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި އިގުތިސާދާއި، ސިއްހަތާއި، ޤައުމީ ސަލާމަތާއި، އިޖުތިމާއީ ކަންކަމުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގެ ކޮމިޓީތައް ހިމެނެއެވެ. ހަމައެއާ އެކު، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި ދައުރު ވެސް މިހާރު ވަނީ އަސާސީ ޤަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.

