
ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އިޤުތިޞާދީ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަޤުޞަދުގައި، ދެ ޤައުމުގެ ދެމެދުގައި ‘ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް’ ނުވަތަ ޚާއްޞަ ވިޔަފާރީގެ މުޢާހަދާއެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމީ ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ އިސްވެރިން އެއްބަސްވެވަޑައިގެންފިއެވެ.
ރާއްޖެ ވަޑައިގެން އުޅުއްވާ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ އެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ދޭތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން، ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަކީ އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ދޮރު މެލޭޝިއާގެ އިންވެސްޓަރުންނަށް ހުޅުވިފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. ޚާއްޞަކޮށް، އުމްރާނީ ތަރައްޤީގެ މަސައްކަތްތަކާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، އިސްލާމިކް ފައިނޭންސްގެ އިތުރުން އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް އެމަނިކުފާނު ވަނީ މެލޭޝިއާގެ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއީ ހަމައެކަނި ޚާރިޖީ ގުޅުމެއް ނޫން ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ވަނީ އެއް އަމާޒަކަށް މަސައްކަތްކުރާ އުޚުއްވަތްތެރިކަމުގެ ބަދަހި ގުޅުމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް މެލޭޝިއާއިން އަބަދުމެ ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިއާގެ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

