
ރައީސް އޮފީހުގެ ދެ މަގާމަށް މިނިސްޓަރުގެ ފެންވަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އައްޔަނުކުރީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތޮލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހުމަދު ހަބީބް ކަމަށެވެ.
ތޮލާލު ރައީސް އޮފީހުގެ މަގާމަށް ޢައްޔަންކުރެއްވިއިރު މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައެވެ. މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތޮލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓަރު ކަމުގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ.
ހަބީން މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. އޭނާ ކުރިން ވަނީ ހައުސިންގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ފުރުއްވާފައެވެ.

