
ނޮން ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު ޝަބީނާ، ސާބިއާގެ ރައީސްއަށް އަރުވައިފި.
ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާ ގެ ރައީސް އެލެކްސެންޑަރ ވުޗިޗް އަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ “ޕެލެސް ސަރބިއާ”ގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަބިއާ ގެ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ޝަބީނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސާބިއާ ގެ ރައީސް އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ރާއްޖެ އިން ސާބިއާ އަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް އަރުއްވިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެކި ގައުމުތަކުން ސާބިއާ އަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި ސާބިއާގެ ފޮރިން މިނިސްޓަރު މާކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ޝަބީނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
އޭގެ އިތުރުން، ސާބިއާ ގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް ގެ ހެޑް، މިސް ޔެލޭނާ މާރކޮވިޗް އާ ވެސް ޝަބީނާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެ ބައްދަލުވުންތަކުގެ ތެރޭގައި ތައުލީމާއި ފަތުރުވެރިކަމާ އަދި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

