
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކާ ގުޅިގެން ބާއްވާ ރަސްމީ ހަރަކާތްތަކަށް، މާދަމާ ފަތިހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޖުމްހޫރީ މައިދާން ހިމެނޭހެން އެ ސަރަޙައްދުގެ ބައެއް މަގުތަކާއި ފަޅުތެރެ ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތަށްޓަކައި، ފަތިހު 5:30އިން ފެށިގެން އެ ހަރަކާތްތައް ނިމެންދެން ބައެއް ސަރަޙައްދުތައް ބަންދުވާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރާއި ހިނގާ މީހުންނަށް ވެސް ނުވަދެވޭ ގޮތަށް ބޮޑުތަކުރުފާނު މަގު، ރައީސް އޮފީހާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނުގެ ނިމުމާ ހަމައަށް ބަންދުކުރާނެއެވެ. މީގެ އިތުރުން އަމީރު އަޙްމަދު މަގާއި އޯކިޑް މަގުގެ ބައެއް ހިސާބުތައް ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު، އޮންރަބްލް އަންވަރު އިބްރާހީމް 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، 2026 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ފަތިހު 5:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް މި ސަރަހައްދު… pic.twitter.com/lmlR53rSL6
— Maldives Police (@PoliceMv) September 14, 2026
އެއްގަމު މަގުތަކުގެ އިތުރުން، ޖުމްހޫރީ މައިދާނާ ދިމާލު ފަޅުތެރެއާއި ކަނޑުގެ ސަރަޙައްދަށް ވެސް އުޅަނދުފަހަރު ވަނުން ވަނީ މަނާކޮށްފައެވެ. ވަގުތީގޮތުން ގެނެވުނު މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދުމާ އެކު، އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު މިރޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ އިންޑިއާގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ދެ ޤައުމުގެ ދެމެދުގައި ބޭއްވޭ ރަސްމީ މަޝްވަރާތައް މާދަމާ ކުރިއަށްދާނެއެވެ. އަދި އަންވަރު އިބްރާހީމްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ވެސް މާދަމާގެ ވަގުތެއްގައެވެ.

