
ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ފަންނީ ހުނަރުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި، ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ދިހަ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް މާދަމާ ޗައިނާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.
ރާއްޖެއިން ފުރުމުގެ ކުރިން މި ޓީމުގެ ބައިވެރިން ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އާ ބައްދަލުކުރައްވާފައެވެ. މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ސަބަބުން ބްރިޖުގެ އާބާތުރަ ފިލުވުމަށް ދިވެހިން އަހުލުވެރިވެ، މި ދާއިރާއިން ބޭނުންވާ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
އިންސާނީ ވަސީލަތް ތަރައްގީކުރުމާއި ބްރިޖު ބެލެހެއްޓުމުގެ ރޮނގުން ޗައިނާ ސަރުކާރުން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. މިހާރުވެސް ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތަކުގައި ދިވެހި ސަރުކާރަށް ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ބްރިޖު ބިނާކުރި ކުންފުނި ކަމަށްވާ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދާދި ފަހުން ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި އޮޔާދިޔަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ބްރިޖުގެ ތަނބެއްގައި ޖެހި، ބްރިޖުގެ ބޭރުފުށަށް ވަނީ ކުދި ގެއްލުންތަކެއް ލިބިފައެވެ. ޗައިނާ ސަރުކާރުގެ ބޮޑު ހޭދައަކާއެކު ބިނާކުރި ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވައި، ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

