
ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާ ބޭފުޅުންނަށް ޚާއްޞަކޮށްގެން، ތާކިހާ ހިމެނޭ ގޮތަށް ރަސްމީ ހެދުމެއް ފަރުމާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިކަން މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އިޢުލާނުކުރައްވައިފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މި އައު ޑްރެސް ކޯޑަކީ އާންމުކޮށް އިމާމުކަމުގެ ވަޒީފާ އަދާކުރައްވާ ފަރާތްތަކުގެ އިތުރުން، ހުކުރު ނަމާދާއި އީދު ނަމާދުތަކުގައި އިސްވެ އުޅުއްވާ ބޭފުޅުން ނަމާދު ވަގުތުތަކުގައި ބޭނުންކުރެއްވުމަށް ތައްޔާރުކުރެވޭ ހެދުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ އިމާމުންގެ ހައިބަތު ދެމެހެއްޓުމާއި، މިސްކިތުގެ މަޤާމާ ގުޅޭ ރަސްމީ ސިފައެއް ގެނައުމެވެ.
މިކަން ހާމަކުރައްވާފައި މިވަނީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، 300 އަށްވުރެ ގިނަ ޒުވާން ޚަތީބުންނާއެކު ބާއްވާ ޚާއްޞަ މަހާސިންތާއެއް އިއްޔެ ފަށާފައިވަނިކޮށެވެ. މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ، މިހާރު އުފެދެމުން އަންނަ ޒުވާން އިމާމުންނަކީ ތަޢުލީމީ ގޮތުން ނުހަނު ޤާބިލު ބަޔަކަށް ވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ޒުވާނުން ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބާރުއެޅުއްވުމާ އެކު، އުމުރު ދުވަހު އިމާމުކަން ކުރުމުގައި ދެމިތިބުމަށް އެދިވަޑައިގެންނެވިއެވެ. ސަރުކާރުގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަތީބުން ވަނީ އުފައްދާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ތާރީޚަށް ބަލާއިރު މިހާ ގިނަ އަދަދަކަށް ޙާފިޒުން އުފެދިފައިވާ އެހެން ޒަމާނެއް ނާންނަކަން ޝަހީމް ފާހަގަކުރެއްވިއެވެ. މިވަގުތު ރާއްޖޭގައި 322 ޙާފިޒުން ތިބިއިރު، ސަރުކާރުގެ އަމާޒަކީ މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ އަދަދު 500 އަށް އިތުރުކުރުން ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

