
ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ހެކިބަސްދޭ އިންޓެލިޖެންސް އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ފަރާތްތަކުގެ ވަނަވަރު ސިއްރުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މުހިންމު ޙުކުމެއް އިއްވައިފިއެވެ.
މި ނިންމުން އައިސްފައި ވަނީ، ޓެރަރިޒަމްގެ ޢަމަލެއް ރޭވުމާއި ހަނގުރާމައަށް ދާން އުޅުނުކަމުގެ ދަޢުވާ ލިބޭ ތިން މީހެއްގެ މައްސަލައިގައި، ދައުލަތުގެ ފަރާތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓާއި އެ ރިޕޯޓު އެކުލަވާލި އޮފިސަރުގެ މަޢުލޫމާތު ސިއްރުކޮށްދިނުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ދެކޮޅު ހެދި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. މަތީ މަރުޙަލާގެ ކޯޓުން ވަނީ ދަށު ކޯޓުތަކުގެ ނިންމުން ބާޠިލުކޮށް، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ރައްކާތެރިކުރުމުގެ އަމުރަކާމެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ.
މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޙުސައިން ޝަހީދު އިއްވެވި ރައުޔުގައި ފާހަގަކުރައްވާފައި ވަނީ، ޖާސޫސީ މަޢުލޫމާތު އެއްކުރާ މުވައްޒަފުންގެ ކާކުކަން އެނގިއްޖެނަމަ އެމީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި ވަކިވަކި މީހުންނަށް އޮތް ނުރައްކާ ވަކިން ސާބިތުކޮށްދިނުމުގެ ބަދަލުގައި، އެ މީހުން އަދާކުރާ ވަޒީފާގެ ބާވަތާއި ޙާލަތަށް ބަލައި އެއީ ނުރައްކާ އޮތް ކަމެއްކަން ސާބިތުވުން ފުދޭނެކަމަށް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވަނީ ފުރިހަމައަށް ތާއީދުކުރައްވާފައެވެ.
ދައުލަތުން ސްޕްރީމް ކޯޓުގައި ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތްކުރާ މީހުން މަދުވުމާ އެކު، އެމީހުންގެ ވަނަވަރު ހާމަވުމުން މުޅި ނިޒާމަށާއި ހިނގަމުންދާ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމެވެ. އެގޮތުން، މި މައްސަލައިގައި ހިމެނޭ އޮފިސަރުގެ ކާކުކަން ހާމަވުމުގެ ސަބަބުން އޭނާ މައިދާނުގެ މަސައްކަތުން ދުރުކޮށް އޮފީސް މަސައްކަތަކަށް ބަދަލުކުރަން ޖެހުނުކަން ދައުލަތުގެ ވަކީލުން ވަނީ ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައެވެ.
މިއީ ޓެރަރިސްޓް ޖަމާޢަތްތަކަށް ތާއީދުކުރާ ތަކެތި ގެންގުޅުމުގެ ކުށް ވެސް ހިމެނޭ ގޮތަށް، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުން ބޮޑެތި ތުހުމަތުތަކެއްކޮށް ދަޢުވާ އުފުލާފައިވާ މައްސަލައެކެވެ.

