
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރާ ބައިގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅައި، މި ހަރަކާތަށް އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އިންތިޒާމުކުރާ މި ފެސްޓިވަލާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓިޖީކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ހަތަރު ގުނަ އިތުރު އަދަދެކެވެ. މި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، ހުޅުވާލެވުނު 8 ދާއިރާއަށް ވެސް އެކަށީގެންވާ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ ގިނަ ބަޔަކު ކުރިމަތިލާފައި ވަނީ އަމިއްލަ ފަރުދުންގެ ގިންތިންނެވެ. މީގެ އިތުރުން ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ، މައުރަޒުގެ އެކި ބައިތަކުގައި ޖުމްލަ 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
މިއަހަރުގެ މައުރަޒު ފަރުމާކޮށްފައި ވަނީ ޖުމްލަ 7 ޑިސްޓްރިކްޓެއް އެކުލެވޭ ގޮތަށެވެ. މިއީ ފާއިތުވި އަހަރަށްވުރެ 2 ޑިސްޓްރިކްޓް އިތުރު އަދަދެކެވެ. އީމާން ހާމަކުރެއްވި ގޮތުގައި މިއަހަރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްސަކުރެވިފައިވާ ޑިސްޓްރިކްޓެކެވެ. މީގެ މައިގަނޑު ބޭނުމަކީ ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ނެރުމަށް މަގުފަހިކޮށްދިނުމާއި، އެކަމަށް ބޭނުންވާ ގުޅުންތައް ޤާއިމުކޮށްދިނުމެވެ. އެކި ޑިސްޓްރިކްޓްތަކާއި މާކެޓް ޕްލޭސް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއަކަށް އުފެއްދުންތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ މި މައުރަޒަކީ ރާއްޖޭގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރު ދައްކާލައި، ތަކެތި މާކެޓުކުރުމަށް ސަރުކާރުން ފަހިކޮށްދޭ އެންމެ ބޮޑު ޕްލެޓްފޯމެވެ. މިއަހަރު ގެނެވުނު މުހިންމު އެއް ބަދަލަކީ ބައިވެރިވުމުގެ އުމުރުފުރާ 13 އަހަރުން މައްޗަށް ދަށްކުރުމެވެ. މި މައުރަޒު އޮންނާނީ އޮކްޓޫބަރު 25އިން ނޮވެމްބަރު 2 އަށެވެ.
މީގެ އިތުރުން މައުރަޒުގެ ތެރެއިން ކުރިއަށްދާ ސަޤާފީ ވާދައިގައި ބައިވެރިވުމަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ދިވެހި އާދަކާދައާއި ސަޤާފަތް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގައި ބަނޑިޔާ، ލަނގިރި، ތާރަ، ދަނޑި، މާފަތި އަދި ފަތިގަނޑު ޖެހުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މި މުބާރާތުގެ އެއްވަނައަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށް 50،000 އަދި ތިންވަނައަށް 25،000 ރުފިޔާ ލިބޭނެއެވެ. އަދި އެންމެ މަޤްބޫލު ޓީމަށް ވެސް 25،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2026ގެ ކުރިން ބީސީސީގެ ސޯޝަލް މީޑިއާގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

