
ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ލިބުނުތާ 900 އަހަރު، މުޅި އަހަރު ދުވަހަށް ބޭނުންކުރާނެ ރަސްމީ ލޯގޯއާއި ޝިޢާރު، އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މުހިންމު މުނާސަބަތާ ގުޅިގެން ކަނޑައަޅާފައިވާ ރަސްމީ ޝިޢާރަކީ “އިސްލާމީ ނޫރުގައި 9 ޤަރުނު – ދިވެހީންގެ ނަސީބާއި އުފާ”އެވެ. މިއަދު ނެރެދެއްވި ލޯގޯއަކީ މި ތާރީޚީ އުފާވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ނިޝާނެކެވެ.
މި ފަޚުރުވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި 15 ވަރަކަށް ތަފާތު ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖެ އިސްލާމްވި ތާރީޚު ރަމްޒުކޮށްދޭ ދާއިމީ ބިނާއެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް ފެށުމެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފެންވަރެއްގައި ބާއްވާ އިސްލާމީ ޓްރޭޑް ފެއަރއަކާއި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޤައުމީ ޤުރުއާން މުބާރާތެއްގެ އިތުރުން ޢިލްމީ އަދި ތާރީޚީ ސުވާލު މުބާރާތްތައް ހިމެނެއެވެ.
ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ހިންގާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، “އިސްލާމީ ސޮލިޑަރިޓީ ގޭމްސް”ގެ ނަމުގައި ބާއްވާ ކުޅިވަރު މުބާރާތްތަކާއި، އިސްލާމީ ކެލިގްރަފީ ފެސްޓިވަލް އަދި އިސްލާމީ ފިލްމު ފެސްޓިވަލް ފާހަގަކުރެވެއެވެ. ހަމައެއާއެކު، ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އަޚްލާޤާއި ދީނީ ތަރުބިއްޔަތު އަށަގެންނެވުމަށްޓަކައި ޚާއްޞަ އިސްލާމީ ތަރިކަ ކޭމްޕެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިންގެ ޒަމާންވީ އަތުލިޔުންތަކާއި އާސާރީ ތަރިކަ ރައްކާތެރިކޮށް އާލާކުރުމުގެ ގޮތުން އިސްލާމީ ތާރީޚުގެ މިއުޒިއަމް ގެލެރީއެއް ތަރައްޤީކުރުމާއި، ހިރިގަލުގެ މިސްކިތްތަކުގެ ފަރުމާއަށް ޚާއްޞަކޮށްގެން “ދިވެހި އިސްލާމީ ބިނާތައް” މި ނަމުގައި ފޮޓޯ ފޮތެއް ނެރުންވެ ސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ. އަދި އަތޮޅު ފެންވަރުގައި ބާއްވާ ދީނީ މަހާސިންތާތަކާއި، ޢިމާރާތްކުރުމުގައި އިސްލާމީ ފަރުމާތައް ބޭނުންކުރުމަށް ހިތްވަރުދޭ މުބާރާތެއް ވެސް ކުރިއަށްދާނެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ހަރަކާތްތައް ފަރުމާކޮށްފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ އިސްލާމީ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުއާ އެކު އޮންނަ ގުޅުން ބަދަހިކުރުމާ އެކު، އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި އިސްލާމީ ވަޙުދަތާއި ޢަޤީދާ ވަރުގަދަކުރުމެވެ.

