
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށްޓަކައި ދީނީ ދާއިރާއިން ހޯދަމުންދާ ބޮޑެތި ކުރިއެރުންތަކުގެ ތަފުސީލުތައް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޒަކާތާއި ވަޤުފުގެ ނިޒާމު ފުޅާކުރުމަށްކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތާބެހޭ ޚާއްޞަ ޤާނޫނެއް ފާސްކޮށް، އެކަމަށް ވަކި އިދާރާއެއް އުފެއްދުމުގެ ސަބަބުން އެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެއްޖެކަމަށެވެ. އަދި ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ފަންޑުގެ އެހީގައި ސްކޮލަރޝިޕް ދޭން ފެށުމަކީ، ޤައުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޮޑެތި ވަޤުފު މަޝްރޫޢުތަކެއް ފަށާފައިވާއިރު، ޤުރުއާނުގެ ޢިލްމު ފެތުރުމަށް ޚާއްޞަކޮށްގެން 15 ބުރީގެ “ނޫރް ބިލްޑިންގ”ގެ ނަމުގައި އަންނަ އަހަރު ބިނާކުރަން ފަށާ ޢިމާރާތާ އެކު، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޤުފު ފަންޑަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޖަމާވެ، އިސްލާމީ ހިދާޔަތު ފެތުރުމަށް ދައުލަތަށް ބޮޑު މާލީ ތަނަވަސްކަމެއް ލިބިގެންދާނެކަމުގެ ޔަޤީންކަން ޑރ. ޝަހީމް ދެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަޒީރު ވަނީ އިމާމުންނާއި ޙާފިޡުން ބިނާކުރުމަށް ސަރުކާރުން ކުރައްވާ ބުރަ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދާއިމީ އިމާމުން ނެތް 68 މިސްކިތަކަށް މިދިޔަ ދުވަސްތަކުގައި މީހުން ހަމަޖައްސައި، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޙާފިޡުންނަށް ދެވޭ ޢިނާޔަތްތައް ބޮޑުކުރުމާ އެކު، މިއީ ތާރީޚުގައި ވެސް އެންމެ ގިނަ ޙާފިޡުން އުފެދިގެންދާނެ ދައުރުކަމަށާއި، އަމާޒަކީ 500 ޙާފިޡުން އުފެއްދުންކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިހާތަނަށް 30 ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުތައް ޤާއިމުކޮށް ނިމިފައިވާއިރު، އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަރުޙަލާގައިވާކަމަށާއި، އަދި އަންނަ އަހަރުގެ ބަޖެޓުގައި އައު 50 މަރުކަޒެއްގެ މަސައްކަތް ހިމެނޭނެކަން ވަޒީރު އިޢުލާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން ޙައްޖުވެރިންނަށް މިހާރު ތަފާތު އެތައް ލުއިފަސޭހަތަކެއް ހަމަޖައްސަވައިދެއްވާފައިވާކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރިން އަމިއްލަ އެކިއެކި ފަރާތްތަކުގެ އެހީތެރިކަމަށް ބަރޯސާވެގެން ބާއްވަމުން އައި ޤައުމީ ޤުރުއާން މުބާރާތަކީ، މިހާރު ރާއްޖޭގައި ދައުލަތުން އެންމެ ބޮޑު އިނާމެއް ދޭ މުބާރާތުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ.

