
8ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ 2012ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުހިންމު ޙަރަކާތެކެވެ. މިފަހަރުގެ ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ ކިޔަވައިދިނުމުގެ މައިދާނުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ތަޖުރިބާ ޙިއްސާކުރުމާ އެކު ތަޢުލީމީ ފެންވަރު މަތިކުރުމަށް ޙައްލުތަކެއް ހޯދުމެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމަށް 300 ފަރާތަކުން ރަޖިސްޓަރީކޮށްފައިވާއިރު، މީގެ ތެރެއިން 106 ބޭފުޅަކު ޖުމްލަ 70 ކަރުދާސް ނުވަތަ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ޝެޑިއުލްކުރެވިފައެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި ކީނޯޓް ތަޤުރީރު ދެއްވުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއާއި، ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ސައުތު އޭޝިއާ ސަރަޙައްދުގެ މެނޭޖިންގ ޑިރެކްޓަރ އަރުން ރާޖަމަނީއެވެ.
މި ޙަރަކާތުގެ ފުރަތަމަ ދުވަހު ތަޢުލީމުގެ ޒިންމާދާރު ޑިޖިޓަލް މުސްތަޤުބަލަކާ ގުޅޭގޮތުން ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ދުވަހު އިންކްލޫސިވްކޮށް ކިޔަވައިދިނުމާއި، އަގުތަކާއި، ތަފާތު މަގުތަކުން ތަޢުލީމު ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ބައިވެރިންނަށް އަމާޒުކޮށް 4 ވޯކްޝޮޕެއް ކުރިއަށްގެންދާނެއެވެ. އަދި ގއ. މާމެންދޫ ސްކޫލާއި، މުޙްޔިއްދީން ސްކޫލާއި، ތާޖުއްދީންގެ އިތުރުން އަފީފުއްދީން ސްކޫލުން ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭ ޚާއްޞަ ހުށަހެޅުންތަކެއް ގެނެސްދޭނެއެވެ. ހަމައެހެންމެ، ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ޚިޔާލު ބަދަލުކުރުމަށްޓަކައި ދެވަނަ ދުވަހުގެ ރޭގަނޑު ޚާއްޞަ ފަރިއްކޮޅެއް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.
ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން އަދި މިޞްރުގެ ތަޢުލީމީ މާހިރުން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގައި، 2026ވަނަ އަހަރު ބާއްވާ ކޮންފަރެންސްގެ ޝިޢާރު ވެސް ވަނީ ކަނޑައަޅާފައެވެ. އެ ޝިޢާރު ބިނާކޮށްފައި ވަނީ ވިލުންތެރި އަދި ހަމަހަމަ މުސްތަޤުބަލަކަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދައި، ތަޢުލީމީ ނިޒާމު އިސްލާޙުކުރުމުގެ މައްޗަށެވެ.

