
އަންނަ އަހަރު ކީ ސްޓޭޖް 1ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަން ތަޢުލީމާ، މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އިޢުލާނުކުރައްވައިފިއެވެ.
8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މަންހަޖުގެ ކޮންޓެންޓް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، ކިޔަވައިދޭ ފޮތްތަކަށް ކިތަންމެ ބޮޑު ބަދަލެއް ގެނައި ނަމަވެސް، ކުދިންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ކުރާނީ މުދައްރިސުންގެ ބުރަ މަސައްކަތުން ކަމަށެވެ. ގްރޭޑް 1ގެ ފޮތްތައް ބަދަލުކުރުމަކީ މި ސަރުކާރުން ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތުގެ ތެރެއިން ބައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުދައްރިސުން ބިނާކުރުމަކީ މުޅި ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓްކަން ފާހަގަކުރައްވަމުން ޑރ. ޝަފީޢު ވިދާޅުވީ، ވަޒީފާގެ މާޙައުލަށާއި ޓެކްނޮލޮޖީއަށް ހަލުވިކަމާ އެކު އަންނަ ބަދަލުތަކާއި، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ނުފޫޒު ފުޅާވަމުންދާ މި ދަނޑިވަޅުގައި، މުދައްރިސުން އެކަންކަމަށް ލޯހުޅުވިފައި ތިބުން ނުހަނު މުހިންމު ކަމަށެވެ. އަދި މިފަދަ މަހާސިންތާތަކުގެ މައިގަނޑު ބޭނުމަކީ ތަޢުލީމީ ސިޔާސަތުތަކާއި ކްލާސްރޫމްގެ އަމަލީ ތަޖުރިބާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުންކަމަށް ވިދާޅުވެ، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވަޒީރު ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ގެންނަވަމުންދާ އިންޤިލާބީ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، ސާނަވީ ތަޢުލީމު ނިންމުމަށް ފަހު މަތީ ސާނަވީއަށް ކިޔަވަންދާ ދަރިވަރުންގެ ނިސްބަތް ވަނީ 40 އިންސައްތައިން 50 އިންސައްތައަށް މިހާރު އިތުރުކުރެވިފައެވެ. އަދި އަލަށް ޤާއިމުކުރެވޭ މާލޭ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުމާ އެކު މި ނިސްބަތް 60 އިންސައްތައަށް އަރައިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، މުދައްރިސުންނަކީ މުޖުތަމަޢުގައި ނުފޫޒުފޯރުވޭ، ބާރުވެރި ބައެއްކަން ހަނދާންކޮށްދެއްވަމުން، މުޖުތަމަޢުގެ ތެރޭގައި މުދައްރިސުންގެ ހަރަކާތްތެރިވުން އިތުރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި މުދައްރިސުންގެ މި ބާރުވެރިކަން ހަނިވެއްޖެނަމަ އޭގެ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނީ ދަރިވަރުންކަން ފާހަގަކުރައްވައި، ބެލެނިވެރިންނާއި މުޖުތަމަޢުގެ އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

