
ދުނިޔެއަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެކު ވެސް، ޒިންމާދާރު މުދައްރިސެއްގެ މަގާމު އެހެން އެއްޗަކަށް ނުފުރޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
8ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދުތަކުގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާއަށް ގިނަގުނަ ފަސޭހަތަކާއި އައު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ދަރިވަރުންގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަނެ، އެކުދިން މުޖުތަމަޢަށް ނެރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަނީ މުދައްރިސުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޒަމާނާ އެއްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކޮށް، ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން މުދައްރިސުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ވަސީލަތްތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މިފަދަ މަހާސިންތާތަކަކީ ޤައުމު ބިނާކުރުމުގެ މުހިންމު ބައެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ މިއީ ބޭރު ދުނިޔޭގެ އެންމެ ރަނގަޅު ތަޖުރިބާތައް ހިއްސާކޮށް، މުދައްރިސުންގެ އިސްނެގުމުގެ މަތިން ކުރެވޭ ޢިލްމީ ދިރާސާތަކަށް މަގުފަހިކޮށްދޭ މުހިންމު މަންސައެއް ކަމަށެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް މިފަދަ ބައްދަލުވުންތައް މުހިންމު ދައުރެއް އަދާކުރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީ ވެސް ތަފާތު މިޒާޖެއްގެ އަދި ގާބިލުކަމެއްގެ ވެރިއެއްކަން ހަނދާންކޮށްދެއްވަމުން، ނައިބު ރައީސް ވަނީ ކްލާސްރޫމްތަކާއި ކިޔަވައިދިނުމުގެ އުސޫލުތައް އެކުދިންގެ ބޭނުންތަކާ ގުޅޭގޮތަށް ބައްޓަންކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ޤައުމީ ތަރައްޤީއަށްޓަކައި ހަމައެކަނި ފޮތުގެ ތަޢުލީމުގެ ބަދަލުގައި، ފަންނީ އަދި މަސައްކަތްތެރިކަމުގެ ހުނަރު (ވޮކޭޝަނަލް އެޑިއުކޭޝަން) ޒުވާނުންނަށް އުނގަންނައިދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

