
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ހެނދުނުން ފެށިގެން މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ފޭދޫގެ 30ގެއަކަށް ފެން ވަދެ ގެއްލުން ވެއްޖެއެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓްއިން ބުނީ އައްޑޫގެ އިތުރުން ގއ، ގދ، އަދި ފުވައްމުލައް ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓްކުރުމާ ގުޅިގެން ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންދާ ކަަމަށާއި މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށް ބުންޏެވެ.
އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ 2މީހުން ހިމެނޭހެން، ޖުމްލަ 8މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ މިރޭ 10ޖަހަންދެން ގއ. އިން ފެށިގެން އައްޑޫއާ ހަމައަށް ރީނދޫ ސަމާލު ދަމަހައްޓާފަ އެވެ. އެހެންވެ އެ އަތޮޅުތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

