
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި 49 މަޤާމަކަށް ވާދަކުރުމަށް 124 ކެންޑިޑޭޓަކު ފޯމު ހުށަހަޅުއްވައިފިކަން އެ ޕާޓީން އިޢުލާންކޮށްފިއެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި މި ފުރުޞަތުގައި އެންމެ ބޮޑު ތަރުޙީބެއް ލިބިފައި ވަނީ އާންމު މެންބަރުންގެ ޖާގަތަކަށެވެ. އެގޮތުން އާންމު މެންބަރުންގެ 18 ގޮނޑިއަކަށް 73 ބޭފުޅަކު ވާދަކުރައްވާއިރު، ޕާޓީގެ ނައިބު ރައީސްކަމުގެ 6 ޖާގައަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ނައިބު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ތިން ވަޒީރުންނާއި، މަޖިލީހުގެ ތިން މެންބަރުންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކަށް ވެސް ގިނަ ބަޔަކު ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަންހެން މެންބަރުން ތަމްސީލުކުރާ 10 މަޤާމަކަށް 22 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާއިރު، ޒުވާނުން ތަމްސީލުކުރާ 7 ގޮނޑިއަށް 13 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ބައެއް މަޤާމުތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވުމުން، އިންތިޚާބަކާ ނުލައި އަންހެނުންގެ ގޮފީގެ 4 ބޭފުޅަކަށާއި ޒުވާނުންގެ ގޮފީގެ 4 ބޭފުޅަކަށް ވަނީ މަޤާމު ކަށަވަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އަލްފާޟިލާ ހީނާ ވަލީދާއި، ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް އިންތިޚާބުވި އިބްރާހިމް އަބާން ލަތީފް ފާހަގަކޮށްލެވެއެވެ. އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސްކަން އާމިނަތު ހުސައިން ޝަރީފަށް، ސެކްރެޓަރީ ޖެނެރަލްކަން އާމިނަތު ނާސިހާއަށް އަދި ޚަޒާންދާރުކަން އާމިނަތު ޝިޒުމީނަށް ވަނީ ޔަޤީންވެފައެވެ. ހަމައެހެންމެ، ޒުވާނުންގެ ހަރަކާތުގެ ނައިބަކަށް ޙަސަން ޝަހީދު، އެސްޖީއަކަށް އިސްމާއިލް އަޒްމީ އަދި ޚަޒާންދާރަކަށް މުޙައްމަދު ރިފާޢު ވަނީ އިންތިޚާބުވެފައެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އިޢުލާންކޮށްފައިވާ ލިސްޓުގައި ހިމެނޭ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ފަރާތްތަކަށް މި މަހުގެ 15ވަނަ ދުވަހުގެ ރޭގަނޑު 12:00އާ ހަމައަށް އެ ފުރުޞަތު އޮންނާނެއެވެ.

