
ކީރިތި ޤުރުއާން ކިޔެވުމުގެ 38ވަނަ ގައުމީ މުބާރާތް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މުބާރާތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފްއެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މުބާރާތް މިރެއިން ފެށިގެން އަންނަ މަހުގެ 19އާ ހަމައަށް ކުރިއަށްދާނެއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރަން މާލެއާއި ރާއްޖޭގެ ބާވީސް ސަރަޙައްދެއްގައި ބޭއްވި އޮޑިޝަންތަކުގައި 2742ބައިވެރިން ބައިވެރިވި އިރު މުބާރާތަށް ހޮވުނީ 379ބައިވެރިން ބައިވެެރިންނެވެ.
މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ގައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ.

