
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ގެއެއްގެ ވެރި ފަރާތް ޖަލަށް ލާން ކޯޓުން ކުރި ހުކުމްއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އަމިއްލަ ގެ ދޫކުރިކަން ޝަރީޢަތަށް ސާބިތުވުމާ ގުޅިގެން، ގ. ޕެލިކަން، އިބްރާހީމް ނާޒިމް 10އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާތަނެއްކަން ގެއެއްގެ ވެރި ފަރާތަށް އެނގިހުރި އެކަމާ އަޅާނުލައި ހުންނަ ފަރާތްތަކުގެ މައްޗަށް ވެސް ދައުވާކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައި ފަހުން އެފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.
އެ ހުކުމާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ވަނީ އެ މައްސަލައިގެ ތަހުގީގާއި އެހެނިހެން ކަންކަމުގައި އުޅުނު ފުލުހުންނަށް ތައުރީފްކުރައްވައިފައެވެ.
އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލިބުނު މުހިންމު ކާމިޔާބީއެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިއީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ރައީސް ޑރ. ،މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

