
ރާއްޖޭގެ ކޮންމެ ފުލުހަކުވެސް ޕްރޮފެޝަނަލް މިންގަނޑުގައި ހިފެހެއްޓުމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ)އަހުމަދު މުހައްމަދު ގޮވާލައްވައިފިއެވެ.
ކޮމިޝަނަރު އެފަދައިން ގޮވާލެއްވީ މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ފުލުހުންގެ ރޭންކުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ސީޕީ ވިދާޅުވީ، ދިވެހި ދައުލަތުގެ އެހެން މުއައްސަސާތަކާ އަޅާބަލާއިރުވެސް އެންމެ ގިނައިން ގަވާއިދުތަކާއި އުސޫލުތަކާއި އެސްއޯޕީތައް ލިޔެވި، އެއަށް އަމަލުކުރެވެމުންދާ މުއައްސަސާއަކީ ދިވެހި ފުލުހުންގެ ހިދުމަތް ކަމަށެވެ. އަދި އެ ހުރިހާ ގަވާއިދުތަކަކީވެސް ފަސޭހައިން ބަލައިލެވޭނެހެން ފެންނަން ހުރި ތަކެތި ކަމަށްވާއިރު، މުއައްސަސާއާ ގުޅުމަށްފަހު އެއިން އެއްވެސް ގަވާއިދެއް ނޭނގުމަކީ ފަރުދީގޮތުން އެއްވެސް މުވައްޒަފަކަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށް ސީޕީ ވިދާޅުވިއެވެ.
“ބައެއް ފަހަރު އިދާރީގޮތުން މުވައްޒަފުންނަށް ކުރެވޭ ބައެއް ކުށްތަކާ ގުޅިގެން އެކަންކަން ބަލާ ފަރާތްތަކުން ސުވާލުކުރުމުން، ގަވާއިދު ނޭނގޭ ކަމަށް ބުނެ ވަރަށް ފަސޭހައިން ޖަވާބުދޭ. މައްސަލަ ބަލާ ފަރާތްތަކުން ގަބޫލުކުރާނެ ހުއްޖަތެއް ނޫން އެއީކީއެއް. ފިޔަވަޅު އަޅަން ޖެހުމުން އަމަލުކުރާނީ ލިޔެވިފައި އޮތް އެއްޗަކަށް. މުވައްޒަފަށް އެކަން ނޭނގުމަކީ ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ސަބަބެއް ނޫން”ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންނަށް ދިމާވާ އިދާރީ އަދި އެހެނިހެން މައްސަލަތަކުގައި މުއައްސަސާގެ އެތެރޭގެ ނިޒާމުގެ ބަދަލުގައި ބޭރުން ހައްލު ހޯދަން މަސައްކަތްކުރުމަކީ އިދާރީ ގޮތުން ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި، ޕްރޮފެޝަނަލް މުއައްސަސާއެއްގެ ގޮތުގައި ބުއްދި އިސްކޮށް ހިކުމަތްތެރިކަމާއެކު މައްސަލަތަކަށް ހައްލު ހޯދުމަށް ވެސް ސީޕީ އެދިވަޑައިގެންނެވިއެވެ.
އަދި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމާއި ފިޔަވަޅު އެޅުމުގެ ކަންކަން ހިންގަނީ ފުލުހުންގެ ގާނޫނާއި އެތެރޭގެ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ރަނގަޅު ގޮތުގައި ހިދުމަތުގައި ދެމިހުންނަ މުވައްޒަފަކާ މެދު ނުހައްގުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ހަމައެއާއެކު، އަމަންއާންމު ބެލެހެއްޓުމާއި ގާނޫނު ތަންފީޒުކުރުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް ބަޔަކަށް ވީހިނދު، ކަންކަމުގައި ނުތަނަވަސްކަން އަންނަ ހާލަތްތަކުގައިވެސް ކެތްތެރިކަން އިސްކޮށް، އުސޫލުތަކާ ހިލާފުނުވުމަށާއި ބޭއަދަބީކޮށް ވާހަކަނުދެއްކުމަށް ސީޕީ ހަނދާންކޮށްދެއްވިއެވެ.

