
ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތާ ގުޅޭ ގޮތުން ސައުދީގެ އަލް-ރާޖްހީ ކުންފުންޏާ އެކު އިސްލާމިކް މިނިސްޓްރީން މަޝްވަރާތައް ބާއްވައިފިއެވެ.
ހުޅުމާލޭގައި އެ މިސްކިތް އަޅަން ނިންމާފައިވާ އިރު މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ އެ މަޝްރޫއާ ގުޅޭ ގޮތުން ސައުދީގެ އަލް-ރާޖްހީ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއިވެސްކޮށްފައެވެ.
މިއަދު އެ ކުންފުނީގެ އިސް ބޭފުޅުންނާ އެކު އިސްލާމިކް މިނިސްޓްރީގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ އިރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެލެއްވިއެވެ. އަދި އެ ކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ، ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
މި ބައްދަލުކުރެއްވުމުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ދެެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތުގެ މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެެއްވާފައެވެ.
އައްރާޖިހީ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ބަންދަރު އަބްދުﷲ އައްރާޖިހީ ހިމެނޭހެން ކުންފުނީގެ ވަފުދެއް އިއްޔެ ރާއްޖެއަށް ވަޑައިގަންނެވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާއި ދިމާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ އެ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ.
އެ މިސްކިތަކީ ގިނަ ވަސީލަތްތަކަކާ އެކު ބިނާ ކުރެވޭ މިސްކިތެކެވެ. އެގޮތުން ނަމާދުކުރާ ބައިގެ އިތުރުން އިސްލާމީ ޙަޟާރާތާއި ބެހޭ މަރުކަޒާއި، ގުރުއާން މިއުޒިއަމްއާއި މަލްޓިޕާޕޯސް ހޯލަކާއި އިމާމު އަދި އިދާރީ އޮފީހާއި، ލައިބްރަރީ އަދި އެގްޒިބިޝަން ހޯލެއް ހިމެނޭނެއެވެ.

