
އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވަންޖެހޭ ކޮންގްރެސް، އަންނަ އޮކްޓޯބަރު މަހުގެ 1އިން 3އަށް ބާއްވަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވި ގޮތުގައި، މި ކޮންގްރެސްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މި މަހުގެ 20ވަނަ ދުވަހު އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި މި ފަހަރުގެ ކޮންގްރެސްގެ އެންމެ ޚާއްސަ އެއް ކަމަކީ ރަށްރަށުގެ ތަރައްގީއަށް އަމާޒުކޮށްގެން ބާއްވާ “އިންވެސްޓްމަންޓް ފޯރަމް” ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު ފާހަގަކުރެއްވިއެވެ. އެއީ ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަށް ޕާޓީން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ޝިފާޒު ވިދާޅުވީ، “ރަށްވެހި އުފެއްދުން” މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ފޯރަމްގެ މައިގަނޑު މަގުސަދަކީ ކައުންސިލްތަކުން ފަރުމާކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމެވެ. އެގޮތުން، މިހާތަނަށް 74 މަޝްރޫއެއް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅާފައިވާއިރު، ކޮންގްރެސް ފެށުމާ ހަމައަށް މި އަދަދު 100އަށް ވުރެ އިތުރުވާނެކަމަށް ލަފާކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ. މި ފޯރަމްގައި ބައިވެރިވެ، ކައުންސިލްތަކުގެ މަޝްރޫއުތަކުގައި އިންވެސްޓުކުރުމުގެ ފުރުސަތު ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ އަނެއް ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަނީ، އެއްހާހަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ބޮޑު ހަރަކާތް ބޭއްވުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެހެންކަމުން މާލޭ ސިޓީ ކައުންސިލްގެ ގޯތިތެރެ ޚިޔާރުކުރަން މަޖުބޫރުވީކަމަށް އޭނާ ވިދާޅުވިއެވެ. ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަށް ފާސް ދޫކުރުމުގެ މަސައްކަތް މި މަހުގެ 30ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާނެކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.

