
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް އެ ރަށުގައި ތަރައްގީކުރާ އައު ޕޯޓަށް ބޭނުންވާ ޒަމާނީ އިމާރާތްތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ބޮޑު މަޝްރޫއުގެ ތެރެއިން ގިނަ އުމްރާނީ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޕޯޓުގެ އޮޕަރޭޝަންތަކަށާއި އިދާރީ ހިންގުމަށް ހާއްސަ އިމާރާތްތަކުގެ އިތުރުން، މުދާ އުފުލުމާއި ގުދަންކުރުމަށް ބޭނުންވާ ޖާގަ ހެދުން ހިމެނެއެވެ. ހަމައެހެންމެ، އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ކޮންޓެއިނާ އަދި މަލްޓި ޕާޕަސް ޓާމިނަލްތަކަކާއި، ފިނިކުރި މުދާ ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖް އަދި ބޮންޑެޑް ވެއާހައުސްތަކެއް ވެސް މި މަސައްކަތުގެ ދަށުން ބިނާކުރެވޭނެއެވެ. މިކަމަށް ޝައުގުވެރިކަން ހުރި އަމިއްލަ ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކަށް އަންނަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.
ތިލަފުށީ ޕޯޓު މަޝްރޫއަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އިންވެސްޓްމަންޓެކެވެ. މި ބަނދަރު ހެދުމުގެ މައިގަނޑު ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އެވެ. ބައިނަލްއަގުވާމީ ބޯޓުފަހަރަށް ހާއްސަ 1،000މީޓަރަށް ވުރެ ދިގު ކީ ވޯލްއެއްގެ އިތުރުން، މާލޭގެ ބަނދަރުތައް ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2،000މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް އެ ކުންފުނިން ތަރައްގީކުރާނެއެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓުގެ ވަކި ބައެއް ކަމަށްވާ 100މީޓަރުގެ ޑޮމެސްޓިކް ކީ ވޯލްއަކާއި ތިން ހެކްޓަރުގެ ބިމެއްގައި ޕޭވްމަންޓު އެޅުން ވަނީ ފާއިތުވި މަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މާލޭގައި މިހާރު ބޭނުންކުރަމުންދާ ވިޔަފާރި ބަނދަރުގެ ސަބަބުން ދިމާވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމަށް، ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ރައީސް ޑރ. މުއިއްޒު ވަނީ، އަންނަ އަހަރުގެ ނޮވެމްބަރު 11ވަނަ ދުވަހުގެ ނިޔަލަށް އެންމެ ޒަމާނީ ފެންވަރުގެ ފުރިހަމަ ޕޯޓެއް ތިލަފުށީގައި ހުޅުވި، ހިދުމަތް ދޭން ފެށޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

