
މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 26ގެ ނިޔަލަށް ރާއްޖެއަށް 1.4މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ ފާއިތުވި 2025ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.8އިންސައްތައިގެ ދަށްވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 2025ވަނަ އަހަރުގެ އޮގަސްޓު 26ގެ ނިޔަލަށް 1،463،566ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި ހިނގާ 2026ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 1،400،273ފަތުރުވެރިންނެވެ. މި އަހަރުގެ ފެބްރުއަރީ މަހު ފަތުރުވެރިން އައި ނިސްބަތް 17.7އިންސައްތަ އިތުރުވި ނަމަވެސް، މާރިޗު އަދި އެޕްރީލް މަހު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މާރިޗު މަހު 19.8އިންސައްތަ ދަށްވެފައިވާއިރު، އެޕްރީލް މަހު ވަނީ 24.4އިންސައްތައިގެ ދަށްވުމެއް ރެކޯޑުކުރެވިފައެވެ. މިއީ މުޅި އަހަރުގެ ޖުމްލަ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރުކުރި މައިގަނޑު ސަބަބެވެ.
އޮގަސްޓު މަހު އަނެއްކާ ވެސް ކުރިއެރުމެއް
އަހަރުގެ ޖުމްލަ ނަތީޖާ ދަށްވި ނަމަވެސް، މި ހިނގާ އޮގަސްޓު މަހު ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނީ އައު ދިރުމެއް ލިބިފައެވެ. އޮގަސްޓު 1އިން 26އަށް 172،487ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ މި މުއްދަތާ އަޅާބަލާއިރު 2.2އިންސައްތައިގެ ކުރިއެރުމެކެވެ.
ކްރޫޒް ލައިނަރތަކުން އަންނަ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ
މިއަހަރުގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ އަނެއް ކަމަކީ ކްރޫޒް ޕަސެންޖަރުންގެ ގޮތުގައި ރާއްޖެއަށް އައި މީހުންގެ އަދަދު އާދަޔާޚިލާފަށް އިތުރުވެފައިވުމެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކްރޫޒްތަކުން 8،263މީހުން އައިސްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 15،577އަށް އަރާފައެވެ.
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ “ޕީކް ސީޒަން”އަށް ވުމާ އެކު، ޗައިނާ އަދި ރަޝިއާ ފަދަ ޓްރެޑިޝަނަލް އަދި ބޮޑެތި މާކެޓުތަކުން އަންނަ ފަތުރުވެރިން އިތުރުވެ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މައްޗަށް ގޮސް، އަހަރު ނިމޭއިރު ޖުމްލަ އަދަދުތައް ރަނގަޅުވާނެކަމަށް ލަފާކުރެވެއެވެ.

