
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު، އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަން އަންގައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގޮތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށެވެ.
އިނާމަށް ނަން ހުށަހަޅާ ފަރާތްތަކުން އިނާމަށް ހުށަހަޅާއިރު، އިނާމު ދެވޭ ކޮންމެ ގިންތިއަކުން ފޯމާއެކީ ހުށަހަޅަންޖެހޭ ކަމަށް އެއުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ހުށަހެޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް އިނާމުގެ ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚާއްޞަކޮށް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްގެން އިނާމަށް ހުށަހަޅާއިރު، ސަނަދު ދިން މަރުކަޒުން ނުވަތަ ކޯސް ފުރިހަމަކުރި މަރުކަޒުން ދީފައިވާ ކޯހުން 1ވަނަ ނުވަތަ އެންމެ މަތީ ވަނަ ހާސިލުކުރިކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހެއެވެ.
ކޯހުން ހޯދައިފައިވާ މާކުހުގެ އެވްރެޖް ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް ބަޔާންކޮށްފައިވާ ލިޔުމާއި، ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ހާސިލުކޮށްފައިވާ ސަނަދެއް ކަމަށްވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަޔާންކޮށް ތައްގަނޑު ޖަހައިފައިވާ ސަނަދުގެ ކޮޕީ ވެސް ހުށަހަޅަންޖެހެއެވެ.
އިނާމަށް ހުށަހަޅާ ލިޔުންތަކުގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހަންޖެހޭތީ މިކަންކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށް ވެސް ކޮމިޓީން އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ، ހަތަރު ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނޭ ގިންތިތަކަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއާއި، ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ގިންތިއެވެ.

