
38ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ ފަރާތްތަކުގެ ކިޔެވުން، އަންނަ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު ފެށުމަށް އެ ވުޒާރާއިން ނިންމައިފިއެވެ.
އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އިސްލާމީ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޢަލީ ސާލިމް ރަޝީދު ހާމަކުރެއްވި ގޮތުގައި، ސެޕްޓެމްބަރު 11ވާ ހުކުރު ދުވަހުގެ މެންދުރުފަހު ސެމީގެ ކިޔެވުންތައް ފަށާނެއެވެ. ނަމަވެސް، އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މި މުބާރާތް ރަސްމީކޮށް އިފުތިތާޙުކުރުމުގެ ޖަލްސާ އޮންނާނީ އޭގެ ކުރީ ރޭ، ނުވަތަ ސެޕްޓެމްބަރު 10 ގައެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއް ވާނީ ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މުޅި ރާއްޖެއަށް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އޮޑިޝަންތައް، މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭހެން 22 ސަރަޙައްދެއްގައި ވަނީ ބާއްވާފައެވެ. މިދިޔަ ޖޫން މަހުގެ 4އިން ފެށިގެން ޖުލައި މަހުގެ 15އަށް ކުރިއަށްދިޔަ މި އޮޑިޝަންތަކުގައި 2،742 ފަރާތަކުން ކިޔަވާފައިވެއެވެ. މިއީ މުބާރާތުގައި ވާދަކުރުމަށް ރަޖިސްޓަރީވި 3،050 މީހުންގެ ތެރެއިން އޮޑިޝަންގައި ބައިވެރިވި ޢަދަދެވެ. މީގެ ތެރެއިން ސެމީ ފައިނަލަށް 379 ދަރިވަރުން ވަނީ ހޮވިފައެވެ. ސެމީއަށް ދަތުރުކުރި ފަރާތްތަކުގެ މަޢުލޫމާތު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މިހާރު ވަނީ ޢާންމުކޮށްފައެވެ.
މިއަހަރުގެ މުބާރާތަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ މުބާރާތެކެވެ. ސަބަބަކީ މީގެ ކުރިން ވަކި މުއައްސަސާއެއް ތަމްސީލުކުރާ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، މިއީ އަމިއްލަ ހައިސިއްޔަތުން ފަރުދީ ގޮތުން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭގޮތަށް ހުޅުވާލި ފުރަތަމަ ފަހަރަށް ވުމެވެ. ސެމީ ފައިނަލާއި ފައިނަލް ބުރު ހިމެނޭހެން ދެ މަރުޙަލާއަކަށް ކުރިއަށްގެންދާ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

