
ދުނިޔޭގެ ނިސްބަތުން ވެސް ޝަރީޢަތް ނުނިމި ބަންދުގައި ތިބޭ މީހުން އެންމެ މަދު ޤައުމަށް ރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ދިގުލައިގެން ގޮސް، ‘ވާނުވާ’ ނޭނގި ބަންދުގައި ތިބެންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން، ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަލަތައް ފާހަގަކޮށް، އެ ކަންކަން އަވަހަށް ނިންމުމަށް ސަރުކާރުން މިހާރު ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް އަވަސްކޮށް، ޝަރީޢަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް ޝަރުޢީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންފައެވެ.
މި މައްސަލަތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތައް ގުޅިގެން މިހާރު ވަނީ ޢަމަލީ ފިޔަވަޅުތަކެއް ވެސް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި، ކޯޓުން ކަނޑައަޅާ ވަކި ޝަރުޠުތަކެއްގެ މަތިން، އިލެކްޓްރޯނިކް ޓެގު އަޅުވައިގެން މޮނިޓަރކުރެވޭ ނިޒާމެއްގެ ތެރެއިން ބަންދުގައި ތިބޭ ފަރާތްތަކަށް ލުއިދިނުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

