
އެއް ކަމަކާ ގުޅިގެން އެތައް ޕެޓިޝަނެއް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
މެންބަރުންގެ އަޣުލަބިއްޔަތުން މި ބަދަލު ގެނައުމަށް ނިންމީ 56 މެންބަރުންގެ ވޯޓާ އެކު ގައެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. އާންމު ކޮމިޓީން ދިރާސާކުރުމަށް ފަހު ތަޅުމަށް ފޮނުވި މި އިސްލާހު ފަރުމާކޮށް ހުށަހެޅުއްވީ ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު މަމްދޫހުއެވެ.
ކުރިން މަޖިލީހުގެ އުސޫލުތައް އެކުލެވިފައިވާ ގޮތުން ނަމަ، ވަކި ފިޔަވަޅެއް އެޅުމަށް އެދި އާންމުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި ހިމެނޭ ކަމަކާ ގުޅޭގޮތުން އިތުރު ޕެޓިޝަނެއް ބަލައެއް ނުގަނެވެއެވެ. އެހެންނަމަވެސް، މެންބަރު މަމްދޫހުގެ ހުށަހެޅުއްވުމާ ގުޅިގެން އެ ހުރަސް ނައްތާލެވި، މިހާރު ވަނީ އެއް މައުޟޫއެއްގައި ތަފާތު އެކި ޕެޓިޝަންތައް ވެއްދުމުގެ ހައްގު ކަށަވަރުވެފައެވެ.
މިފަދަ ބަދަލެއް ގަވާއިދަށް ގެނެސްފައި މި ވަނީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި، އެކަމާ ގުޅޭ ޕެޓިޝަންތަކެއްގެ މަސައްކަތް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ކައުންސިލްތަކުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ބިންތައް، ތަރައްގީގެ މަޝްރޫއުތަކަށް ކަބައިނެޓަށް ނެގޭނެގޮތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ތައްޔާރުކުރި ޕެޓިޝަނުގައި ސޮއިހަމަވެ، ކުރިއަށް އޮތް ޖަލްސާއަކަށް އެޖެންޑާކުރުމަށް ޕެޓިޝަން ކޮމިޓީން ވަނީ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައެވެ.
ހަމައެއާ އެކު، ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކޮށް ވެސް އަންނަނީ އިތުރު ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މި ޕެޓިޝަންގައި ބަޔާންކޮށްފައި ވަނީ ގާނޫނަށް ގެންނަ ބަދަލަކީ ގައުމުގެ ތަރައްގީއަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތްކުރަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށެވެ.

