
ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ އާ ސަފީރުގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސާ ޖަމީލާ އަލީ ޚާލިދު އައްޔަނުކުރެއްވުމަށް ރުހުން ހޯއްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އެކަމަނާގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.
މި މަގާމަށް ޖަމީލާ ހަމަޖެއްސެވުމަށްޓަކައި މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ރައީސް ފޮނުއްވި ރަސްމީ ސިޓީފުޅު ވަނީ މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ތަޅުމަށް އިއްވަވާފައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ފޮނުއްވި މި މައްސަލަ، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއާ ހަވާލުކުރައްވާފައެވެ.
ޖަމީލާއަކީ މީގެ ކުރިން ވެސް ޚާރިޖީ ދާއިރާގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކަނބަލެކެވެ. އެގޮތުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަން އެކަމަނާ ކުރެއްވިއެވެ. މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށާއި ދައުލަތުގެ މީޑިއާއަށް ވެސް އެކަމަނާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

