
ރާއްޖެ އަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނަށް ލިބޭ ފައިދާ ނުވަތަ ‘މާކަޕް’ އިން ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބޮޑެތި މަންޒިލްތަކުން އަމަލުކުރާ އުސޫލެއް ނޫންކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމަށް އަސަރުކޮށްފާނެތީ އެ ބިލާ މެދު ފުންކޮށް ވިސްނުމަށް އިނަރ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު މަޖިލީހަށް ހުށަހަޅާފައިވާ ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެއްޖެނަމަ، 1 އޮކްޓޯބަރު 2026އިން ފެށިގެން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮންލައިން ޕްލެޓްފޯމްތަކުން ޓެކްސް ނަގަން ފަށާނެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ފިރާގު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފަތުރުވެރިކަމުން ޓެކްސް ނަގާ ކަމަށެވެ. ނަމަވެސް، ފަތުރުވެރިޔާ އެންމެ ފަހުން ރާއްޖެއަށް އަންނާތީކަމަށް ބުނެ، ރާއްޖެއިން ބޭރުގައި ހިންގާ މިނިވަން ވިޔަފާރިއަކަށް ލިބޭ ފައިދާއިން ނުވަތަ މާކަޕް އިން ޓެކްސް ނެގުމަކީ އެއްވެސް ބޮޑު މަންޒިލަކުން ކުރާ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިރާގު ވަނީ އޮސްޓްރޭލިއާ، ނިއުޒީލެންޑް، ޖަޕާން އަދި އިންޑިއާ ފަދަ ގައުމުތަކުގެ މިސާލު ނަންގަވާފައެވެ. އެ ގައުމުތަކުގައި ޓެކްސް ނަގަނީ ގައުމުގެ އެތެރޭގައި ދެވޭ ޚިދުމަތްތަކުން ކަމަށާއި، އެގައުމުތަކުގައި ވެސް ބޭރުގެ ޕެކޭޖެއްގެ ތެރެއިން ގައުމުން ބޭރުގައި ހިނގާ މުއާމަލާތްތަކާއި އެތެރޭގައި ހިނގާ މުއާމަލާތްތައް ވަރަށް ސާފުކޮށް ވަކިކޮށްފައި ހުންނަކަން އޭނާ ސާފުކޮށްދެއްވިއެވެ.
މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން ފިރާގު ވިދާޅުވީ، ބޭރުގެ އޮޕަރޭޓަރަކު 5,000 ޑޮލަރަށް ރާއްޖޭގެ ރިސޯޓެއް ނެގުމަށް ފަހު، އެހެނިހެން ޚަރަދުތަކާއި ފައިދާ ލައިގެން 6,000 ޑޮލަރަށް ޕެކޭޖު ވިއްކާލާއިރު، ރާއްޖެއިން ޓެކްސް ނަގަން މިއުޅެނީ ކޯޗަކުންކަން ބިލުން ސާފުނުވާ ކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް މުދަލެއް، އޮފީހެއް ނެތް ބަޔަކު ބޭރުގައި ކުރާ ވިޔަފާރިއަކުން ޓެކްސް ނަގަން އުޅުމަކީ އަމަލީގޮތުން ކުރަން އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ބިލު ފާސްކުރުމުގެ ކުރިން މަޖިލީހުން ޖަވާބު ހޯދަންޖެހޭ މުހިންމު ސުވާލުތަކެއް ފިރާގު ވަނީ އަމާޒުކުރައްވާފައެވެ. އޭގެ ތެރޭގައި މީރާއަށް ބޭރު ކުންފުނިތަކުގެ ސޭލްސް ރެކޯޑުތައް ހޯދާނެ ގޮތާއި، ދެ ފަހަރަށް ޓެކްސް ނެގުން (ޑަބަލް ޓެކްސޭޝަން) ހުއްޓުވާނެ ގޮތާއި، ޓެކްސް ނުދައްކައިފިނަމަ އެކަން ތަންފީޒުކުރާނެ ގޮތް ހިމެނެއެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މި ޓެކްސް ފޫބެއްދުމަށް އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތަކުގެ އަގުބޮޑުކުރުމުން، ރާއްޖެއާ ވާދަކުރާ އެހެން މަންޒިލްތައް ވިޔަފާރީގެ ގޮތުން އިތުރަށް ޝައުގުވެރިވުމުގެ ފުރުސަތު އޮތްކަމެވެ.
ފިރާގު ވިދާޅުވީ އޭނާ އަކީ ޓެކްސް ނެގުމާ ދެކޮޅު ބޭފުޅެއް ނޫން ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުން އުފެދޭ އަގު ރާއްޖޭގެ ޓެކްސް ނިޒާމަށް ވެއްދުމުގެ ސިޔާސަތަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ގައުމުގެ އެންމެ ބޮޑު ސިނާއަތަށް މިހާ ބޮޑު ބަދަލެއް ގެންނައިރު، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ނިޒާމަކަށް ވާންޖެހޭނެ ކަމަށާއި، ގާނޫނުތައް ދެނެގަނެ ސިސްޓަމްތަކަށް ބަދަލުގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެކަށީގެންވާ ވަގުތު ދިނުމަށް އޭނާ ވަނީ މަޖިލީހަށް އިލްތިމާސްކުރައްވާފައެވެ.

