
އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް އެ ގައުމުގެ ރައީސް އަށް ފޮނުއްވި ތައުޒިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑޮނޭޝިއާގެ ރައީސަށާއި ސަރުކާރަށް އަދި އެކުވެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކު ތަޢުޒިޔާ ފޮނުވާ ކަމަށެވެ. އަދި މި ހާދިސާގައި ޢާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ހަމްދަރުދީ ފާޅުކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ގެދޮރު ގެއްލުނު ޢާއިލާތައް ހިމެނޭހެން، މި ހާދިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކާ އެކު ދިވެހިރާއްޖެ ސާބިތުކަމާ އެކު އޮތްކަމަށް ވެސް އެ މެސެޖުގައި ވިދާޅުވެފައިވާކަމަށާއި މީހުން ސަލާމަތްކުރުމަށާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ވެސް އެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
އިންޑޮނޭޝިޔާގެ ފްލޯރެސް ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވާއިރު އެތަށް ބައެއްގެ ގެދޮރު ވެސް ވަނީ ގެއްލިފައެވެ.

