
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދީ، ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ސްޓޭޓް ފާމާއިން ބަންގްލަދޭޝްގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ކަމަށްވާ އެޗްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އައު އެއްބަސްވުމުގެ ދަށުން ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލައި ވިއުގަ ފުޅާވެ، ބޭސް އެތެރެކުރުމުގެ މަރުހަލާތައް ވަރަށް ބޮޑަށް ހަލުވިވެގެންދާނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ދުނިޔޭގެ ފެންވަރުގެ ސިއްހީ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ނަންމަޝްހޫރު ކުންފުނިތަކާ އެކު ގުޅުން ބަދަހިކުރުމަކީ ސްޓޭޓް ފާމާގެ އެންމެ ބޮޑު އެއް އަމާޒެވެ.
އެއްބަސްވުން ގާއިމުކުރެވުނު އެޗްޕީއެލްއަކީ ދުނިޔޭގެ މާކެޓުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ. އެގޮތުން ޔޫރަޕާއި، އެފްރިކާ އަދި އެމެރިކާ ބައްރުގެ އިތުރުން އޭޝިއާގެ 32އަށްވުރެ ގިނަ ގައުމަކަށް އެ ކުންފުނީގެ ބޭސްތައް އަންނަނީ އެކްސްޕޯޓުކުރަމުންނެވެ. މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް ހޯދުމުގެ މަގު ފަހިކުރުމަށްޓަކައި ސްޓޭޓް ފާމާއިން ވަނީ ޔޫރަޕުގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާއާ އެކު ވެސް ދާދި ފަހުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ބޭސް ބޭނުންވާ މިންވަރު ދުރާލާ އަންދާޒާކޮށް ސްޓޮކް މެނޭޖުކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމާއިން އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

