
މި ފަހުން ތުއްތު ކުއްޖަކު ދައުލަތަށް ނެގި މައްސަލަ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންއިން ބަލަން ފަށައިފިއެވެ.
މައިމީހާގެ ނަފްސާނީ މައްސަލައެއް ހުރުމާއި ނުކުޅެދުންތެރިކަން ވެސް ހުރެ ކުއްޖާ ބެލުމުގެ ކުށަދާނަކަން ވެސް ނެތް ކަމަށް ބުނެ ވިހޭތާ ތިން ދުވަސް ފަހުން ކުއްޖާ ދައުލަތަށް ނެގި މައްސަލައެއް ފެންމަތީވީ ސޯޝަލް މީޑިއާއިންއެވެ.
އެޗްއާރުސީއެމްއިން މިއަދު ބުނީ އެ މައްސަލަ އަމިއްލަ ފަރާތަކުން އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއެެވެ.
އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.
އަދި، ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއޔަތްކޮށްގެންނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ
އެހެންކަމުން، ދައުލަތަށް ކުއްޖަކު ނަގާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

