
ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރުން ވަޒީފާގެ ފުރުޞަތުތަކާއި ހުނަރުވެރިކަން އިތުރުކުރުމުގެ މަގުތައް މި ސަރުކާރުން ތަނަވަސްކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ޤައުމާ މުޚާޠަބުކުރައްވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންނެވެ. އެހެންކަމުން، ޤައުމުގެ އުޖާލާ މުސްތަޤުބަލު ބިނާވެފައި ވަނީ އެ ޒުވާނުންގެ އުންމީދުތަކާއި ލަނޑުދަނޑިތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މުޖުތަމަޢަށް އަންނަ ހެޔޮ ބަދަލުތަކުގެ ފަހަތުގައި ވަނީ ޒުވާނުންގެ ހިތްވަރާއި، އުފެއްދުންތެރި ވިސްނުމުގެ އިތުރުން އެމީހުންގެ ވަރުގަދަ ޢަޒުމްކަމަށާއި، ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީއާއި ފާގަތިކަން ގެނެސްދޭނެ ބަޔަކީ ވެސް މިއަދުގެ ޒުވާނުންކަމާމެދު ޝައްކުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
On this International Youth Day, we honour one of the Maldives' greatest strengths. Our youth. Their creativity, resilience and determination are shaping our communities and our country in countless ways.
With nearly 45% of our population being youth, their hopes and… pic.twitter.com/poWPk7ZZjp
— Dr Mohamed Muizzu (@MMuizzu) August 12, 2026
ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމަކާއި ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ވަނީ ފަށާފައެވެ. މީގެ އިތުރުން ވެސް، ޒުވާނުންގެ ޚާއްޞަ ޤައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލުމާއި، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ މަސައްކަތްތައް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 12ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ދުނިޔޭގެ ފެންވަރުގައި މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ، 1998ވަނަ އަހަރު ބޭއްވި ދުނިޔޭގެ ޤައުމުތަކުގެ ޒުވާނުންނާ ބެހޭ ވަޒީރުންގެ ބައްދަލުވުމެއްގައި ނިންމެވި މުހިންމު ނިންމެވުމަކާ ގުޅިގެންނެވެ.

