
މާލޭގައި ތަނަވަސް ޖާގައަކާއެކު އަލަށް އިމާރާތްކުރަމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ވަޒަންކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ސައިޓަށް ޒިޔާރަތްކުރައްވައި، ކަންކަން ހިނގަމުންދާގޮތް ބައްލަވާލައްވައިފިއެވެ.
ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ޢަރަބި މީޑިއަމަށް ކިޔަވައިދޭ މައި މަރުކަޒުގެ ގޮތުގައި ތަރައްޤީކުރާ މި ސްކޫލްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައި ވަނީ 2026ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ. ދިހަ ފަންގިފިލާއަށް އުފުލާ މި އައު އިމާރާތުގައި ޒަމާނީ ފެންވަރުގެ ކިލާސްރޫމްތަކާއި ކިޔަވައިދިނުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. ސަރުކާރުން ރާވާފައި ވަނީ 2027ވަނަ އަހަރުގެ ދިރާސީ އައު އަހަރާ އެކު މި ޒަމާނީ އިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށެވެ.
ތަޢުލީމާއި، މަތީ ތަޢުލީމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްގެން ނޮވެމްބަރު 12، 2024ގައި ފެށި މި މަޝްރޫޢުގެ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި އާރްސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.
މި މުހިންމު ޒިޔާރަތުގެ ތެރެއިން، ޢަރަބިއްޔާގެ ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވެފައިވާ ޒުވާނުންނާ ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. އެކުދިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އައްސަވައި، ސަރުކާރުގެ ތެރެއިން ދެވެން ހުރި އެންމެހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ޢަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒު ނުހަނު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

