
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން އއ.އުކުޅަހުގައި އިމާރާތްކުރާ ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަޅުއްވައިދެއްވައިފިއެވެ.
މި ހަފުލާގައި އަމަލީގޮތުން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފްގެ އިތުރުން އެރަށު ކައުންސިލްގެ ރައީސް ޢަލީ ވަޙީދެވެ. ދައުލަތުގެ އިސްވެރިންގެ ގޮތުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ކެބިނެޓުގެ ވަޒީރުން އަދި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ޒުވާނުންނާއި ކުޅިވަރު ކުޅުންތެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މި ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ތަފާތު އެތައް ކުޅިވަރެއް އެއް ފުރާޅެއްގެ ދަށުން ކުޅެވޭނެ ބޮޑު މަލްޓި-ޕާޕަސް ހޯލަކާއެކުގައެވެ. އޭގެ އިތުރުން، އާންމު އިންޑޯ ޖިމަކާއި ކަނބަލުންނަށް ހާއްސަކޮށްގެން ކަސްރަތުކުރެވޭނެ ވަކި ޖާގައެއްގެ އިތުރުން ބޯޑު ގޭމްސް ކުޅޭނެ ސަރަހައްދެއް އަދި ރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ކުރެވިފައިވާ މީޓިންގ ރޫމެއް ވެސް މިތަނުގައި ގާއިމުކުރެވޭނެއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ދައުލަތުން މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި، އަރބަން ސެންޓަރުތަކާއި އާބާދީ ބޮޑެތި އެހެނިހެން ރަށްރަށުގައި ވެސް އިންޑޯ ކުޅިވަރު މަރުކަޒުތައް ބިނާކުރުން ހިމެނޭއިރު، އުކުޅަހުގެ އިތުރުން އއ. ރަސްދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނީ އެމްއޭސީއެލްގެ ފަރާތުން ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

