
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާއާ އެކު މަސައްކަތް ފަށައިފިއެވެ.
ސްޓޭޓްފާމާއިން ބުނީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނިކާގެ މަންދޫބުންނާ އެކު މިއަދު މުހިންމު މަޝްވަރާތަކެއްކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާ އެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާ އެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
އެސްޓްރަޒެނިކާއަކީ ބޭސް އުފެއްދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏަކަށްވާއިރު، މި ފެށުނު މަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

