
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން ފައިސާ ރައްކާކުރާ ފަރާތްތަކަށް، އެ އިންވެސްޓްކުރާ ފައިސާގެ ނަފާ ސީދާ ޑޮލަރުން ލިބޭނެ ގޮތަށް އެ ބޭންކުން މިހާރު ވަނީ އުޞޫލުތަކަށް ބަދަލުގެނެސްފިއެވެ.
މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހު ތަޢާރަފުކުރި “އިންވެސްޓްމަންޓްސް” ސްކީމްގެ ދަށުން، މީގެ ކުރިން އަމަލުކުރަމުން އައީ އިންވެސްޓްކުރާ ޑޮލަރާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން ކަސްޓަމަރުގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދިނުމަށް ފަހު، ޖެހިގެން އަންނަ ދުވަހު އިންވެސްޓްމަންޓުގެ ފައިދާ ވެސް ރުފިޔާއިން ލިބޭ ގޮތަށެވެ. ނަމަވެސް، އެންމެ މަތިވެގެން 25 އިންސައްތައިގެ ފައިދާއެއް ލިބޭ މި ޕޫލްތަކުގެ އިންވެސްޓްމަންޓާއި ފައިދާ ވެސް ދެން ދޫކުރާނީ ޑޮލަރުންކަން ބީއެމްއެލްއިން ސޯޝަލް މީޑިއާގައި ވަނީ އިޢުލާންކޮށްފައެވެ. އަދި އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން، އެ ފައިސާ ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެކަމަށް ބޭންކުން ބުނެފައިވެއެވެ.
މި ސްކީމަށް ފައިސާ ހަމަޖައްސާ ގޮތާ ގުޅޭގޮތުން ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، އިންވެސްޓަރުންނަށް ފައިދާ ބަހަނީ ކަނޑައެޅިފައިވާ ބައެއް އީކޮމާސް ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތްތަކުން ނަގާ 30 އިންސައްތަ ފީގެ ތެރެއިންނެވެ. އެގޮތުން، ބޭންކުގެ އިދާރީ ޚަރަދުގެ ގޮތުގައި 5 އިންސައްތަ އުނިކުރުމަށް ފަހު، ބާކީ ހުންނަ ފައިސާ ނަފާގެ ގޮތުގައި ދޫކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ކާޑުތައް މެދުވެރިކޮށް ޑޮލަރުން ކުރާ ޚަރަދު ފާއިތުވި ފަސް އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެފައިވާކަން ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެވްރެޖް ގޮތެއްގައި މަހަކު 39.3 މިލިއަން ޑޮލަރު މިފަދަ މުޢާމަލާތްތަކަށް ވިއްކަމުންދާއިރު، ބޭރު ފައިސާގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ޢަދަދުވެސް ދެ ގުނައަށްވުރެ ބޮޑަށް އިތުރުވެފައިވާކަން އެ ބޭންކުން ފާހަގަކޮށްފައިވެއެވެ.

