
ދީބާޖާއަށް އެމްޑީޕީ ވެރިކަމުގައި 15 ހެކްޓަރުގެ ބިންދީފައި އޮތީ ގަވާއިދާ ޚިލާފަށް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ، ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމުގެ ބިލަށް ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ބިންތަކުން ތަފާތު ދާއިރާތަކަށް ފުރުސަތު ދޭންޖޭހޭ ކަމަށާއި ކުރީގައި ރާއްޖޭގައި ނެތް އެތަށް ދާއިރާތެއް މިހާރު ރާއްޖޭގައި އުފެދިގެން އަންނަކަމަށެވެ.
“2008ކުން 2012އަށް ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ އޮޑިޓް ރިޕޯޓަށް ބަލާލީމާ ދީބާޖާ ކިޔާ ކުންފުންޏަކަށް 37.6 ހެކްޓަރުގެ ފަޅުދީފައި އޮތްއިރު، 15 ހެކްޓަރުގެ ފަޅު އޮތީ ޤަވާއިދާ ޚިލާފަށް. މީގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ހަވާލުކޮށްފައި އޮތީ ޓްރާންސްޕޯޓުގެ މަސައްކަތް ކުރުމަށް. ނަމަވެސް، ފަޅުގެ ބޭނުން ހިފާފައި އެ މަސައްކަތްކޮށްފައި ނެތް.” މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.
ރާއްޖޭގައި ކުރިން ފަޅުރަށްތައް ކުއްޔަށް ދޫކުރެވެނީ ހަމައެކަނި ރިސޯޓް ހެދުމަށް ކަމަށާއި މިހާރުގެ މި ސަރުކާރުގެ އަމާޒަކީ އިޤްތިޞާދީ ހަރަކާތްތައް ރާއްޖޭގައި ފުޅާކުރުން ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރުގެ އެކި ދާއިރާތުކުގެ އިންވެސްޓަރުން ރާއްޖެއަށް އިންވެސްޓުކުރަން ބޭނުންވާ ކަމަށާއި އެ ފަރާތްތަކަށް ފުރުސަތު ދިނުމަށް މި ސަރުކާރުން ވިސްނާކަމަށް މެންބަރު ވިދާޅުވިއެވެ.

