
ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް ފައިސާ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ “ސްޓްރެންތެނިން ދަ ކެޕޭސިޓީ އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ޓު އޮޑިޓް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ އެސްޑީޖީސް”ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފަސްވަނަ ސެޝަންގައެވެ.
ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް ގުޅިގެން ބޭއްވި ބައިނަލްއަގުވާމީ އެ ސިމްޕޯޒިއަމްގައި ޑިރެކްޓަރު އައިޝަތު އައިލީން ނިޔާޒް ބައިވެރިވެވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
އައިލީން ވަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތަކާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ކުދި ޖަޒީރާ ގައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ކުދި އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުން ހާސިލުކުރުމަށްޓަކައި، ދައުލަތުގެ އޮޑިޓް މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވައިފައެވެ.
މި ސިމްޕޯޒިއަމް އަކީ ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް މުއައްސަސާތައް ބާރުވެރިކުރުވައި، ތިމާވެށީގެ މައްސަލަތަކާއި ތަރައްގީގެ ލަނޑުދަނޑިތައް އޮޑިޓްކުރުމުގެ ފަންނީ ހުނަރު އިތުރުކުރުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ.

