
ނިމިދިޔަ ޖުލައި މަހު ރާއްޖޭގައި އެންމެ ގިނަ ބަޔަކު އަތުން ފައިސާ ފޭރިގަނެފައި ވަނީ އޮންލައިންކޮށް މުދާ ވިއްކުމުގެ ނަމުގައި ހިންގާފައިވާ މަކަރާއި ހީލަތުގެ އަމަލުތަކުގެ ތެރެއިންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި އާންމުންގެ އަތުން 1.36 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 43.33 އިންސައްތަ ނުވަތަ 78 މައްސަލައަކީ ސީދާ އީ-ކޮމާސް އަދި އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. މީގެ އިތުރުން، ބުކިން ކެންސަލްކޮށްގެން ފައިސާ އަނބުރާ ހޯދުމުގެ ނަމުގައި ކޮށްފައިވާ ސްކޭމްތަކާއި އޮންލައިން ވިޔަފާރީގެ މައްސަލަތައް އެއްކޮށްލުމުން 114 މައްސަލަ ހިމެނޭއިރު، މިއީ މުޅި މަހުގެ މައްސަލަތަކުގެ 63.33 އިންސައްތައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ކޮންމެ މައްސަލައަކުން އާންމުކޮށް 7,600 އެއްހާ ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ލިބިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ. ނަމަވެސް، ފުލުހުންނާއި ކަމާގުޅޭ އެހެނިހެން މާލީ އިދާރާތައް ގުޅިގެން ކުރި ބުރަ މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައެވެ. މިއީ ޖުމްލަ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތައެވެ.
މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި، މުދާ ގަންނައިރު ވިއްކާ ފަރާތަކީ ކާކުކަން ރަނގަޅަށް ޔަގީންކުރުމަށް ފަހު މެނުވީ ފައިސާ ދުރާލައި ނުދެއްކުމަށް ފުލުހުން ވަނީ އެދިފައެވެ. ހާއްސަކޮށް، ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ ބަޔަކު ފޮލޯކުރިޔަސް ނުވަތަ ގިނަ އިޝްތިހާރުތަކެއް ހުއްޓަސް އެއީ އިތުބާރުކުރެވޭ ސައްހަ ބައެއްކަމަށް ނުބެލުމަށާއި، އޭގެ ބަދަލުގައި “ކޭޝް އޮން ޑެލިވަރީ” ނިޒާމު އިހުތިޔާރުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ވިޔަފާރީގެ މުއާމަލާތެއް ކުރުމުގެ ކުރިން އެ ޕޭޖެއް ހަދާފައިވާ ތާރީހާއި އެހެން ކަސްޓަމަރުންގެ ހިޔާލުތައް ދެނެގަތުމަކީ މުހިންމު ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ބާޒާރުގައި އާންމުކޮށް ހުންނަ އަގުތަކަށްވުރެ މާ ބޮޑަށް އަގުހެޔޮކޮށް ތަކެތި ވިއްކަން އުޅުމާއި، ވިސްނާލަން ވަގުތު ނުދީ އަވަހަށް ފައިސާ ޖަމާކުރަން މަޖުބޫރުކުރުވުމަކީ ސްކޭމަރުންގެ އާންމު އުކުޅެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ފޭރިގަންނަ ހާލަތްތަކުގައި، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ލަސްނުކޮށް ވީހާވެސް އަވަހަކަށް އެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

