
ގާނޫނާ އެއްގޮތަށް މުދަލާއި މީހުންނާއި އުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލްގައި މަސައްކަތް ކުރާ ކަސްޓަމްސްގެ އަންހެން މުވައްޒަފަކު ޝައްކު ކުރެވޭ އަންހެން ފެސެންޖަރަކު ބަލާފާސްކުރުމުން އެ މުވައްޒަފަށް ދަނީ ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އެެތެރެކުރާ މުދަލާއި އުޅަނދު ފަހަރާއި އަދި އެތެރެވާ މީހުން ބަލައި ފާސްކުރުމަކީ އެ އިދާރާގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ.
އަދި ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިއާޔަތްކޮށް މުދަލެއް ނުވަތަ ފަސެންޖަރެއް ފިޒިކަލީ ބަލަން ޖެހޭ ހާލަތެއްގައި ގާނޫނާ ގަވައިދާ އެއްގޮތަށް ބަލައި ފާސްކުރާނެ ކަމަށް ވެސް ބުންޏެވެ.
އެކަންކަން އެގޮތަށް ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަ ނުދީ ހިފަހައްޓައި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

