
ޙައްޖު ކިޔު ދިގުވުމަކީ ހަމައެކަނި ރާއްޖެއަށް އޮތް މައްސަލައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވިޒީރު ވިދާޅުވީ އިންޑޮނޭޝިއާ އާއި ޕާކިސްތާނު ފަދަ ގައުމުތަކުގައި ވެސް މިލިއަނުން މީހުން ހައްޖު ކިޔޫގައި ތިބި ކަމަށެވެ. އަދި ރާއްޖޭގައި ވެސް ދީނަށް އޮތް ލޯތްބާއި ތަނަވަސްކަން އިތުރުވުމާ އެކު ކިއު ދިގުވަމުންދާ ނަމަވެސް ޕެންޝަން ފަންޑު މެދުވެރިކޮށް ހައްޖަށް ދެވޭނެ އިންތިޒާމުތަކާ އެކު، ގިނަ ބަޔަކު ދުރާލައި ޕްލޭންކޮށްގެން ފައިސާ ދައްކަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
މީގެ ކުރިން އަމިއްލަ ކުންފުނިތަކުން ބޮޑު އަގުގައި ކޯޓާ ވިއްކި ނިޒާމު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި މިހާރު ހައްޖު ކޯޓާ ދޫކުރުން އިންތިޒާމްވެފައި ވަނީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ މީގެ ކުރިން ހައްޖަށް ދެވެނީ ހަމައެކަނި މުއްސަދިންނަށް ކަމަށާއި ފަގީރުންނަށް އެ ފުރުސަތު ނޯންނަ ކަމަށެވެ. އަދި މިހާރު 65 އަހަރުން މަތީގެ މީހުންނަށް ހައްޖަށް ދިއުމުގައި އިސްކަންދޭ ސިޔާސަތެއް ކެބިނެޓުން ނިންމަވައިގެން ތަންފީޒުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
“ސައުދީ އިން ބަލަނީ ހައްޖާޖީންގެ ސިއްހަތާއި، ނިދޭނެ އިންތިޒާމުތަކާއި، މަޝާއިރުތަކުގެ ޖާގައަށް ، ކޯޓާ އިތުރުކުރަނީ ވަރަށް ބޮޑަށް ބަލައި ހަރުދަނާ އުސޫލެއްގެ ދަށުން، އެ ފުރުސަތު އެހެން ގައުމުތަކަށް ހުޅުވާލާ ކޮންމެ ފަހަރަކު ރާއްޖެއަށް ވެސް އޭގެ ފައިދާ ކުރާނެ” ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި ޝަހީމް ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތީ ވަރަށް ވަރުގަދަ އަދި ގާތް ގުޅުމެއް ކަމަށާއި ވަކިން ހާއްސަކޮށް، ސައޫދީގެ ޝޫރާ މަޖިލީހުގެ ރައީސް ރާއްޖެއަށް ކުރެއްވި ޒިޔާރަތަކީ މި ގުޅުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހި ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ޝަހީމް ފާހަގަ ކުރެއްވިއެވެ.

