
ރާއްޖޭގެ ބޯޓަކުން ކަނޑަށް ވެއްޓުނު ކޮންޓޭނަރުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ މައި ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު، އެމްއެމްއެސް ގްރެފީންގައި 17ހުސް ކޮންޓޭނަރު ލަންކާގެ ކޮލަމްބޯ ބަނދަރާ ކައިރިން ކަނޑަށް ވެއްޓުނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެ ހާދިސާއާ ގުޅިގެން އެމްއެސްއެސްގެ އޮފިޝަލަކު “ދެން”އަށް ވިދާޅުވީ މޫސުން ތަންނުދޭތީ އެ ކޮންޓޭނަރުތައް ނެގުމުގެ މަސައްކަތް އޮތީ މަޑުޖެހިފައި ކަމަށާއި ނަމަވެސް މިހާރު މޫސުން ރަނގަޅުވެފައިވަތީ ކޮންޓޭނަރުތަައް ނެގުމަށް މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެ ކޮންޓޭނަރުތައް ވެެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެ ކޮންޓޭނަރުތައް ވެއްޓުނީ ރާއްޖެއިން ފުރައިގެން ގޮސް، ލަންކާގައި ބަނދަރުކުރަން އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާއާ ގުޅިގެން ކޮންޓޭނަރުތައް އޮޔާ ގޮސްފާނެތީ އެ ހިސާބުގަނޑުން ދަތުރުކުރާ އުޅަނދުތަކުން ސަމާުލުވުމަށް ވެސް ލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

