
ސަތާރަ އަހަރުވެފައިވާ ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޑީއެންއާރުއިން މިއަދު ކުރި އިއުލާންއެއްގައި އެކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު މި މަހުގެ 31ވަނަ ދުވަހު އެކަމަށްޓަކައި ބާއްވާ ބީލަމުގައި ބައިވެރިވެވޭނެ ކަމަށެވެ.
ޑީއެންއާރުއިން ބުނީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ހިދުމަތް ދޭން ފެށުން ކަމަށާއި އަދި އެ ބަދަލާއެކު، އައިޑީ ކާޑުގެ ހިދުމަތް ހޯދާ ދިވެހި ރައްޔިތުންނަށް ރީތި، ޒަމާނީ އަދި ކުރިއަށްވުރެ ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.
މިއީ މި ސަރުކާރުގެ “މޯލްޑިވްސް 2.0″ތަސައްވުރުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ފެންވަރު ރަނގަޅު އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައިވެސް ޑީއެންއާރުން ދެމުންދާ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރައްޔިތުންނަށް ދެމުންދާ ހިދުމަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ސަރަހައްދުގައި ޑީއެންއާރުގެ އިތުރު 3އޮފީހެއް (ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2އަދި ވިލިމާލެ)ހުޅުވައި، ހިދުމަތް ދަނީ ދެމުންނެވެ.
އޭގެ އިތުރުން، މެލޭޝިޔާ، ސްރީލަންކާ އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އިތުރުން ބައެއް ރަށްރަށުގައިވެސް އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިހާރު ވަނީ ފަށާފައެވެ.

