
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އޭސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޒު އާދަމް ޝާމިލްއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖުން ޑިރެކްޓަރު ޑރ. އަލީ އަޒުވަރުއެވެ.
އޭސީސީއިން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމެވެ. އަދި ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ވެސް މި އެއްބަސްވުމުގެ ދަށުން ހިމެނޭ ކަމަށް ވެސް ބުނެފައިވެއެވެ.
އޭސީސީއިން ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނޭ އިރު ސްޓެލްކޯ އިން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަޙުޤީޤުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުމުގެ އިތުރުން ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ޤާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަޞީލަތްތައް ހިއްސާކުރުން ވެސް ހިމެނެއެވެ.

