
ހުޅުމާލެ ދެވަނަ ފިޔަވަހިން މަސްތުވާތަކެއްޗާ އެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ފީއަލި / ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) ކަމަށެވެ.
ރޭ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ޝިޢާން އަޙްމަދުއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމް ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

