
މާލެ ސިިޓީ ކައުންސިލަށް މަގު މަރާމާތު ކުރާނެ ވަރަށް ފައިސާ ލިބުނު ނަމަވެސް އެ ގާބިލުކަން އުފެއްދުމަށް ނޫޅޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ތުހުމަތު ކުރައްވައިފިއެވެ.
މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީގެ މަގުތަކާއި ގުޅޭގޮތުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެންމެ ފަހުން މާލެ ސިޓީގެ ބަޖެޓު އާއްމުކުރިއިރު ސަތޭކަ ތިރީހާއި ސަތޭކަ ފަންސާސް މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިސާ ކައުންސިލަށް ލިބިފައިވާއިރު މަގުތަކުގެ ގާ ނަގައި ފޮރޮޅުން ނޫން އިތުރު ކަމެއް މާލޭ ސިޓީ ކައުންސިލުން ނުކުރާކަމަށް މެންބަރު ސަމީރު ތުހުމަތު ކުރައްވާފައިވެއެވެ. އަދި މެންބަރު ސުވާލު ކުރެއްވީ މާލޭގެ މަގުތައް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ގޮތަކާމެދުގައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 150މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ލިބޭ ކަމަށާއި މަގުތައް ހެދުމާއި މަރާމާތުކުރުމަކީ ކައުންސިލްގެ ޒިންމާއަކަށް ވީއިރު، އެފަދަ މަސައްކަތެއް ކުރުމުގެ އެއްވެސް ގާބިލުކަމެއް ކައުންސިލްގައި ނެތް ކަމަށެވެ.
”ހުޅުމާލެ އާއި މާލެ ސިޓީގައި ދުއްވާ ހުރިހާ ވެހިކަލެއްގެ އަހަރީ ފީ ލިބެނީ މާލެ ސިޓީ ކައުންސިލަށް، އެހެންނަމަވެސް އެބޭފުޅުންގެ މައްޗަށް މަތިވެފައި އޮތް ކަމެއް މަގުތައް ހެދުމާއި މި ކަންކަމަކީ، އެންމެ ކުޑަމިނިނުން ސަރުކާރުން ތާރުއަޅަން ކަނޑާލާފައި އޮންނަ މަގެއް ހުއްދަދީ ކަނޑާލާފައި އެތަން ހަލާކުކޮށްލާފައި ދާއިރު އެތަން ރަނގަޅުކުރުމުގެ ކެޕޭސިޓީ އެއްވެސް ސިޓީ ކައުންސިލުގެ ނެތް”މުއްތަލިބު ވިދާޅުވިއެވެ.
މީގެ އިތުރުން މުއްތަލިބު ވިދާޅުވީ މަގުތައް މަރާމާތުކުރުމުގެ މިންގަނޑުތަކެއް މިނިސްޓްރީ އިން އެކުލަވާލައި ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި ކައުންސިލުން އެ މަސައްކަތް ނުކުރާތީ، އުޅަނދުފަހަރުގެ ފީން ލިބޭ އާމްދަނީ ސަރުކާރުގެ ބަޖެޓަށް ލިބޭނެ ގޮތެއް ހަދައިދިނުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

