
ބ. ކިހާދޫއާއި ކޫޑަރިކިލުގެ ފެނާ ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ޒާކިރު ސުވާލުކުރެއްވީ ކިހާދޫއާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ ދުވަހަކާ ގުޅޭގޮތުންނެވެ.
ޖަވާބުގައި މުއްތަލިބު ވިދާޅުވީ އެ ދެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ނިމުނު އެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރެވިފައިވާ މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް އެ އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތް އޮތުން ފާހަގަކޮށް މުއްތަލިބު ވިދާޅުވީ ކުޑަރިކިލު މަޝްރޫއު މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
“މިހާރު ކުރަމުންދާ މަސައްކަތްތަކަކީ އާރްއޯ ޕްލާންޓުގެ މަސައްކަތާއި ސްޓޯރޭޖް ޓޭންކްގެ މަސައްކަތް. މަޝްރޫޢުގެ %10 މަސައްކަތް ނިންމާފައި. އެއީ ކުރީގެ ކޮންޓްރެކްޓަރުގެ ތެރެއިން ޓާމިނޭޓްކޮށްފައި އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންިދޔުމުގެ އަދާހަމަ.” މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ކިހާދޫ ފެނާއި ނަރުދަމާގެ މަޝްރޫއު އަކީ ކުރީ ސަރުކާރުން 40 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތް ފެށުމަށް ފަހު 16 އިންސައްތަ ނިންމުމަށް ފަހު އިތުރު މަސައްކަތެއް ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތް ކަމަށެވެ.
މީގެ އިތުރުން މުއްތަލިބު ވިދާޅުވި މުޅި މަޝްރޫޢުގެ މަސައްކަތް ސަބްކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ޤަވާއިދުގައި މަނާކަމެއްކަމަށާއި ފެނަކައިން އުޞޫލްތަކާ ޚިލާފަށް މަޝްރޫޢުތައް ހަވަލުކޮށްފައި އޮތްކަމަށެވެ.

